ސަރުކާރު ހިންގާ ޕީއެންސީ އަކީ އިދިކޮޅު އެމްޑީޕީ ގޮތަށް އޮޅުންބޮޅުން އަރާފައި އޮތް ކަންވާރު ބޮޅެއް ނޫން ކަމަށާއި، އެ ޕާޓީ ދާނީ ވަރުގަދަ ވަމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ހަލީލް ވިދާޅުވީ ޕީއެންސީ އަކީ ދިވެހި ގައުމު އިސްކުރާ ޕާޓީ ކަމަށާއި އެއީ ދިވެހި ރައްޔިތުން އިސްކުރާ ޕާޓީ ކަމަށެވެ. އަދި އެއީ ދިވެހި ގައުމުގެ ކަނޑާ ބިން އިސްކުރާ ޕާޓީ ކަމަށާއި ޕީއެންސީ އަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކުރާ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ އަކީ ގައުމުގެ އިގްތިސާދު ސިންދަފާތުކޮށް ކުރިއަރުވައި ގައުމު ޖައްސާފައި އޮތް ދަރަނީގެ ދަންތުރައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޕާޓީ ކަމަށާއި، މާއްދީ އަދި މައުނަވީ ތަރައްގީ ގައުމަށް ގެނައުމުގެ ވިސްނުން އިސްކުރާ ޕާޓީ ކަަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
”ޕީއެންސީއަކީ އެމްޑީޕި ގޮތަށް އޮޅުންބޮޅުން އަރާފަ އޮތް ކަންވާރު ބޮޅެކޭ ހީނުކުރައްވާތި. މިޕާޓީގެ އަމާޒު ވަރަށް ސާފު. ސިޔާސަތުތައް އެހާ ސާފު. އަޅުގަނޑުމެން މިތިބީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހި ގައުމާއި ރައްޔިތުންނާ އެކު.“ އޭނާ ވިދާޅުވިއެވެ.

