މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް އިފްތިތާހުކުރުމަށް ތައްޔާރުވަމުންދާކަމަށް ހައުސިން މިނިސްޓްރީން ބުނއފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި ދެ މަޝްރޫއުއަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކެއް ކަމުގައިއެވެ.

”މި ދެ މަޝްރޫއަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫއުތަކެއް. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެމަޝްރޫއު އަޅުގަނޑުމެނަށް އިފްތިތާހުކުރެވިގެންދާނެ،“ އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ވިސްނާފައި ވަނީ މައިގަނޑު ދެ މޮޑެލްއަކަށެވެ. އެއީ އަގުހެޔޮކޮށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެހެން ތަރައްގީކުރާ އެފޯޑަބަލް ހައުސިން އާއި، މާލީ އިދާރާތަކުގެ ފައިނޭންސިންއަށް ކުރިމަތިލެވޭނެ ނިޒާމެއް ގާއިމުކޮށް އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގެ ސްކީމްތަކެވެ.

މީގެ ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުންވާ ފެންވަރުގެ ހައުސިންއަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެރިކަމުގެ މި ފަސް އަހަރުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިންމު ވައުދުފުޅެކެވެ.