މިކަމަށްޓަކައި، ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި މަޝްރޫއުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެށިގެންދާ އެންމެ މުހިންމު އެންމެ ބޮޑު އެއް މަޝްރޫއުއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
އަދި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ.
މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުން ހިމެނެއެވެ.
ހަމައެއާއެކު މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްގީ ކުރެވިގެންދާނެއެވެ.
މި މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުރުމަށް ވަނީ ރޭވިފައެވެ.
މިގޮތުން މި ރަށް ވެގެންދާނީ، ހަރުދަނާ ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް، ރައީސް ފައްޓަވާދެއްވާފައިވާ އެންމެ މުހިންމު ޕްރޮގްރާމް ކަމުގައިވާ، ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށެވެ.
އަދި މި ތަނުގައި، ދިވެހި އަސްކަރިއްޔާގެ އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސަޕޯޓް ނިޒާމްތައް ތަރައްގީ ކުރެވިގެންދާނެއެވެ.
މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޙުސައިން އިބްރާހީމާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސް ވެރިންނާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ނަޞްރުﷲ ވަސީމުގެ އިތުރުން އޮފިސަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

