ދައުލަތުގެ އާންމު މަންފާއަށްޓަކައި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ގައުމީ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގެޒެޓުކުރެއްވި މި ޤަރާރުގައި، ސަރުކާރުގެ ބޮޑެތި ސިޔާސަތުތަކުގެ ތެރެއިން ތަންފީޒުކުރާނެ އުމްރާނީ އަދި އިގްތިސާދީ މަޝްރޫއުތަކާއި، އެ މަސައްކަތްތަކާ ހަވާލުވާ ފަރާތްތަކުން ކުރަންޖެހޭނެ އެންމެ ކުޑަ އިންވެސްޓްމަންޓްގެ މިންވަރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ތަފާތު އެކި ދާއިރާތަކަށް ބަހާލައިގެން އިއުލާނުކުރި މި ލިސްޓުގައި އެންމެ އިސްކަމެއްދީފައި ވަނީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާ ގުޅޭ އިންވެސްޓްމަންޓްތަކަށެވެ. އޭގެ ތެރޭގައި އައްސޭރި ފަތުރުވެރިކަން ކުރިއެރުވުމާއި، ހުރިހާ އަތޮޅެއްގައި ނޭޗަރ ޕާކުތައް ހެދުމުގެ އިތުރުން ހެރިޓޭޖް ޓޫރިޒަމް ތަޢާރަފުކުރުން ހިމެނެއެވެ.
ހަމައެއާ އެކު އަތޮޅުތެރޭގައި އައު އެއަރޕޯޓުތައް ބިނާކުރުމާއި، މިހާރު ހުރި ޑޮމެސްޓިކް އެއަރޕޯޓުތައް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުން ވެސް ހިމެނެއެވެ.
މުޖުތަމަޢުގެ ރައްކާތެރިކަމާއި އިސްލާޙީ ފިޔަވަޅުތަކަށް ޚާއްޞަކޮށްގެން ވެސް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ނުރައްކާ އޮތް ކުޑަކުދިންނަށް ފަރުވާދިނުމަށް ”ހޯޕް އައިލެންޑް“ ގެ ނަމުގައި މަރުކަޒެއް ހެދުމަށް 15 ހެކްޓަރުގެ ބިން ހިއްކައި ތަރައްގީ ކުރުމާއި، ޒަމާނީ ”ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް“ އެއް ބިނާކުރުމަށް 30 ހެކްޓަރުގެ ބިން ހިއްކައި ތަރައްގީ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ގައުމުގެ ސަލާމަތާއި ސިޔާދަތު ދިފާއު ަކުރުމަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ވެސް މީގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ޢުމްރާނީ ތަރައްގީއާއި ތިމާވެށީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ކަނޑައަޅާފައެވެ.
ކޯޒްވޭ މެދުވެރިކޮށް ރަށްތައް ގުޅާލުމާއި، ހިއްކާފައިވާ ބިންތަކުގައި މަގުހަދައި އަސާސީ ހިދުމަތްތައް ގާއިމުކުރުން އުމްރާނީ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ތިމާވެއްޓާ ގުޅޭގޮތުން، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް މަރާމާތުކުރުމާއި، 50 ރަށެއްގައި ކޮމްޕޯސްޓް ޕްލާންޓް ބެހެއްޓުމާއި، 10 ރަށެއްގައި ކުނި މެނޭޖުކުރާނެ މަރުކަޒުތަކާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ހެދުމަށް ވަނީ ރާވާފައެވެ.

