ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިހާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިހުލާސްތެރިކަމާއެކު ހިދުމަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާ ޕޮޑްކާސްޓް ”ނޭޝަން ޗެޓް“ގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އިންތިހާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަގާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ގައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިހުލާސްތެރިވުންކަމަށާ، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށްޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ މޯލްޑިވްސް 2.0 އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، ރޭގެ އެޕިސޯޑްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސް ވަނީ ޖަވާބުދެއްވާފައެވެ.
ދިވެހިރާއްޖޭގައި ޑިޖިޓަލް އިގްތިސާދު ފުޅާކުރެއްވުމަށް، ވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އަޅުއްވާ އެކިއެކި ފިޔަވަޅުތަކަށްވެސް ތަފްސީލީ ގޮތެއްގައި ރައީސް ވަނީ ރޭގެ އެޕިސޯޑްގައި އަލިއަޅުވާލައްވާފައެވެ.

