މާލޭގެ އިމާރާތަކުން ދެ މީހަކު ވެއްޓިއްޖެއެވެ.

މަޖީދީމަގުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އެ އިމާރާތުން ވެއްޓުނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި އުމުރުން 39 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 01:53 ހާއިރުއެވެ.

ފުލުހުން ބުނީ މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށި ކަމަށާއި މިހާތަނަށް ބެލި ބެލުމުން މި ދެ މީހުން ވެއްޓިފައި ވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.