ހުޅުމާލެ ހޮސްޕިޓަލުން އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

އެ ހޮސްޕިޓަލުގައި މި ހިދުމަތް އިއްޔެ ތައާރަފުކޮށް ދެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމެެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އައުޓްޕޭޝަންޓް ނާސިން ހިދުމަތް އެ ތަނުގައި ތައާރަފު ކުރީ އާންމުކޮށް ބޭނުންވާ ނާސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށް ދިނުމަށްޓަކައި ކަމަށެވެ.

މި ފެށި ހިދުމަތުގެ ދަށުން،  އިންޖެކްޝަން ޖަހައިދިނުމާއި، ބޭސް އަޅައިދިނުމާއި، އާވި އަރުވައި ދިނުމާއި، ⁠ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުމާއި، ⁠ހަކުރުބަލައިދިނުމުގެ އިތުރުން، ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ހިދުމަތް ވެސް ދެވިގެންދާނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ ގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މިފަދަ ސިއްހީ ހިދުމަތްތައް، ފަސޭހައިން ލިބޭނެ މަގުތަނަވަސްކޮށްދީ، އަޅާލުމާ އޯގާތެރިކަމާ އެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދޭ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ފޯރުކޮށް ދިނުން ކަމަށެވެ.