މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 66 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ނަމަވެސް ބަލި ޖެހުނު ދިވެހީންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
މިހާތަނަށް ހިމަބިހީގެ 66 ޕޮޒިޓިވް ކޭސް ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 13 ކޭސް އަކީ އެކްޓިވް ކޭސްތަކެވެ. އަދި ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ އެކްޓިވް ކޮންޓެކްޓުންގެ އަދަދު މިހާރު ހުރީ 258 ގައެވެ.
ބަލި ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 569 ލެބޯޓްރީ ޓެސްޓު ހަދާފައިވެއެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.

