ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ބާއްވަންޖެހޭ ރަސްމީ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށް އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއަށްފަހު، އެފްޓީއޭ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށެވެ.