މި ހާދިސާގެ ރިޕޯޓް ލިބުނީ 1:10 ހާއިރު ކަމަށާއި ފަޔަ ފައިޓަރުން ގޮސް ކުރި މަސައްކަތުން 1:23 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ދެ ކުޑަކުދީންނަށާއި ތިން މީހުނަށް އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން، ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާއި 18 އަހަރުން މަތީގެ ފަސް މީހަކު ދިރިއުޅޭ ކަމަށާއި އެތަނުން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ފިހުނު ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް ތަން ވަނީ އަނދައިފައި ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް ’ޓޫލް މެލްޓިން ޑިވައިސް‘ އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.
އަދި އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އަދި އަލިފާނުގެ ހާދިސާގައި އިމާރާތުގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގައި ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާތީ އިތުރު އަށް މީހަކަށް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވެއެވެ.

