ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފިއެވެ.
އެ ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ބުނި ގޮތުގައި، އެ ގަޑިއަކީ މުވައްޒަފުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރުމަށް ދޭ ވަގުތެކެވެ.
މިގޮތުން، އެ ހާލަތުގެ ދަށުން ސިވިލް ސާވަންޓުންނަށް ގަޑި ނުޖެހޭ ގޮތަށް އިތުރު 30 މިނެޓު މިހާރު ލިބޭނެއެވެ. އެ ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވާނަމަ، ސަބަބު ބަޔާންކޮށް ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މުވައްޒަފުގެ ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަން ޖެހެއެވެ.
އެކަމަކު، ބަފަރ ޓައިމްގެ ގޮތުގައި އިތުރަށް ލިބޭ 30 މިނެޓުގެ ފަހުން އޮފީހަށް ހާޒިރުވާނަމަ، ގަޑިޖެހުނު ކަމަށް ބަލާނެކަން ގަވައިދުގައި ފާހަގަކުރިއެވެ.
މީގެއިތުރުން، އެ ގަޑީގެ ތެރޭގައި އެ މުވައްޒަފަކު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، މަސައްކަތް ނިމޭ ގަޑި ފަސްކުރާނެއެވެ. އެ ކަމުގެ މިސާލެއް ވެސް ގަވައިދުގައި ކިޔައިދީފައިވެއެވެ.
މިގޮތުން، އޮފީހުގެ މަސައްކަތު ގަޑި ފެށޭ ވަގުތަކީ 08:00ކަމަށް ވެފައި، މުވައްޒަފު އޮފީހަށް ހާޒިރުވީ 08:15ގައި ކަމަށްވާނަަމަ އެ ދުވަހުގެ މަސައްކަތް ނިމޭނީ 14:15ގައެވެ.

