ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ) އިން، ރާއްޖެއާއި މެކްސިކޯއިން ނުރައްކާތެރި، ފޭކް ބޭސްތަކެއް ފެނިގެން މެޑިކަލް އެލާޓެއް ނެރެފިއެވެ.

 

ޖެނީވާގައި ހުންނަ ޑަބްލިއުއެޗުއޯގެ މައި މަރުކަޒުން މިދިޔަ ހުކުރުދުވަހު ނެރުނު މި އިންޒާރުގައި ބުނެފައިވަނީ، ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ’މަލްޓިޕަލް މައިލޯމާ‘ އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ’ޑާޒަލެކްސް‘ (DARZALEX – daratumumab) އިންޖެކްޝަންގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމަށެވެ.

 

ޑަބްލިއުއެޗުއޯއިން ހާމަކުރި ގޮތުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައެވެ.

 

މި ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި، ބައެއް ހޮސްޕިޓަލްތަކުންނެވެ.

ފޭކް ބޭސް ދެނެގަންނާނެ ގޮތް:

މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ ’ޖެންސެން‘ (JANSSEN) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތިރީގައިވާ ބެޗް ނަންބަރުތަކަކީ އެ ކުންފުނިން އުފައްދާފައިވާ ބެޗްތަކެއް ނޫނެވެ:

ބެޗް ނަންބަރު: MYS7381
ބެޗް ނަންބަރު: STV1K01

ޚާއްސަކޮށް، ރާއްޖެއިން ފެނުނު STV1K01 ބެޗްގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.