ސައުދީގެ ވަފްދު ރައީސްއާ ބައްދަލުކުރައްވައިފި

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދާއި، ސައުދީ އަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު، ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަހަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ގައުމުންވެސް ވަނީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ، އުހުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުގުވެރިކަން ދެ ގައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވާފައެވެ.

ދައުލަތުގެ ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންވެސް، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.