ލިޔުންތެރިން ވާން ޖެހޭނީ ގައުމަށް އަމާނާތްތެެރި ގައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައި ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ‏މާތްވެގެންވާ އިސްލާމް ދީނަކީ، އުނގަންނައި ދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.

އެހެންވެ ދިވެހި ބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކު ވެސް، ހައްގު ބަސް ފެތުރުމަށާއި، ރީތިކޮށް މުހާތަބު ކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާ ވެސް ފައިދާ ކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”‏ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، މި ގައުމު އަބަދުމެ ފަޚުރުވެރި ވާނެ މި ޤައުމަށް ފާގަތި ވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ގައުމު ދެކެ ލޯބިވާ ބަޔަކަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.