ސ. ހިތަދޫގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 10:00 ހާއިރުއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަނާ، ޝިޔާހު މުހައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރުމާގެ، މުހައްމަދު މާހިލް އަހުމަދު (18އ) ގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުއްޖާއާއި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު“ ގެ ދަށުންނެވެ.

