ޗައިނާގެ ޔުނާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

މާލޭ ޔޫތު ހަބުގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތަކެތި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

ޔުނާން ޕްރޮވިންސުން ހަދިޔާކުރި މި ސާމާނުތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ރެކެޓް ފަދަ ކުޅިވަރުތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ.

ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެކެވެ. އަދި މިއީ ފާއިތުވި އެއް އަހަރު ތެރޭގައި ޔުނާން ޕްރޮވިންސުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ދެވަނަ ފަހަރުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.