ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ހިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަގީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ހިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.
ވަކީން ހާއްސަ ގޮތެއްގައި މުހައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ސިއްހީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ހިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއްކަމަށާއި، އެ ހިދުމަތަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްކަމުގައި ސިފަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން، ދަތުގެ ފަރުވާއާގުޅޭ ހާއްސަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ހިދުމަތުގައި މިއަދު ތިއްބެވުމަކީ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އަދި މިފަދަ ހާއްސަ ހިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ހިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސް ޑރ.މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

