ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ މުހިންމު ހިދުމަތްތަކެއް ކުރެއްވި ސުޕަޝެލިސްޓް ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ޑރ. ފަޒުނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ހާއްސަ ސުޕަޝެލިސްޓެއްގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

