މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސްޕެއިނުން ބެލްޖިއަމް ބަލިކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންއަށް ލީޑް ނަގައިދިނީ ފަބިއަން ރުއިޒްއެވެ.
ބެލްޖިއަމްއަށް ނަތީޖާ އެއްވަރުކޮށްދިނީ ޗާލްސް ޑި ކެޓެލާރޭއެވެ. މިއީ މިމުބާރާތުގައި ސްޕެއިންގެ ގޯލަށް ވަން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް މެޗުގެ 85 ވަނަ މިނިޓްގައި ކުޅެން ނިކުމެ 88 ވަނަ މިނިޓްގައި މެރީނޯ ވަނީ ސްޕެއިން ސެމީ ފައިނަލަށް ގެންގޮސްދިން، 2 ވަނަ ލަނޑު ޖަހައިފައެވެ.
މުބާރާތުގެ ސެމީފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ފްރާންސާއެވެ.
އަދި ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ވާދަކުރާނީ އިންގްލެންޑާއި ނޯވޭއެވެ.

