އދ. ދިއްދޫގައި ތަރައްގީ ކުރި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑު ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރުގެ އިތުރުން، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރަޝީދާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން އަދި ދިއްދޫ ކައުންސިލްގެ ރައީސް އަނީސް މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ވެސް، ކައުންސިލްގެ މެންބަރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސް ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އާބާދީގައި 234 މީހުން ދިރިއުޅޭ ދިއްދޫގައި ފުޓްސަލް ދަނޑު ގާއިމު ކުރުމުގެ މަޝްރޫއުއަށް ޖުމްލަ 1.74 މިލިއަން ރުފިޔާ ހޭދަ ކުރިއެވެ.
މި މަޝްރޫއުގެ ދަށުން، ދަނޑުގެ ބިންގަނޑު އެއްވަރުކުރުމާއި، ޓާފް އެޅުމުގެ އިތުރުން، ދަނޑު ވަށައިގެން ލައިޓް ހަރުކުރުމާއި، ގޯލްޕޯސްޓް ބެހެއްޓުމާއި، ކުޅިބަލާ މީހުންނަށް ހާއްސަ ބެންޗުތައް ވަނީ ބަހައްޓައިފައެވެ.

