އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް އުމުރުން 39 އަހަރުގައި ވެސް މޮޅަށް ކުޅެވުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، އޭނާ ބޭނުންވެއްޖެނަމަ، އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ކިތަންމެ ދުވަހަކު ވެސް ހުރެވިދާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މެސީ، މިހައިތަނަށް 5 މެޗުގައި 8 ލަނޑު ވަނީ ޖަަހައިފައެވެ. ގަދަ 16ގައި މިސްރު ފަހަތުން އަރައި 2-3 އިން ބަލި ކުރި މެޗުގައި ވެސް މުހިންމު ދައުރެއް އަދާކުރި މެސީ، އުމުރުން 39 އަހަރުގައި ވެސް ދަނީ، ކުޅޭ ކޮންމެ މެޗެއްގައި ވެސް ރިކޯޑުތައް ހަދަމުންނެވެ.
ސްކަލޯނީ ދެކޭގޮތުގައި އޮސްޓްރިއާ އަދި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ލިބުނު 2 ޕެނަލްޓީ މެސީއަށް ނުޖެހުމަކީ ވެސް މައްސަލައެއް ނޫނެވެ.
އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޕެނަލްޓީ ނުޖަހަން މެސީ އަށް ނާންގާނެ ކަމަށް ވެސް، ހުކުރު ދުވަހު މީޑިއާއާ ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ. އޭނާ ބުނީ ދަނޑުމަތީގައި މެސީ ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި އޭނާ އަކީ ”މެޝިނެއް“ ފަދަ ކުޅުންތެރިއެއް ކަމަށް ބުނެ، ސްކަލޯނީ ވަަނީ، އާޖެންޓީނާގެ 10 ނަންބަރު ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

އަދި އުމުރުގެ ސަބަބުން މެސީގެ ކުޅުމަށް ބަަދަލު އަތުވެދާނެ ކަމަށް ގަބޫލު ކުރާ މީހުންނަށް، އާޖެންޓީނާގެ ކެޕްޓަން ރަނގަޅަށް ނޭނގެނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޖިސްމާނީ ގޮތުން ފިޓްކޮށް ހުރުމަށް މެސީ ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރާކަން ވެސް ކޯޗު ފާހަގަކުރިއެވެ.
”އަހަރެން ހައިރާނެއް ނުވޭ.“ ސްކަލޯނީ ބުންޏެވެ.
”ފަހަރުގައި ވެދާނެ، މެސީ ނޭނގޭ މީހުން ހީކުރަނީ ކަމަށް އުމުރުން 39 އަހަރުގައި އޭނާއަށް ކުރީގެ ކުޅުން ނުދެއްކޭނޭ. އެކަމަކު އަހަންނަކަށް ނޭނގެ މިހެން ބުނެވުނު އަދަދެއް؛ މެސީ ބޭނުން ހިނދަކު އޭނާއަށް އެންމެ ”ބެސްޓް“ގެ ގޮތުގައި ހުރެވޭނެ. އަހަރެންނަށް އެހެން ހީވަނީ އޭނާގެ ކޯޗަށް ވީމައެއް ނޫން.“

އާޖެންޓީނާ ދެން ނުކުންނާނީ ކުއާޓަރ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ ޓީމަށް ސްވިޒަލޭންޑް ބަލިކުރެވިއްޖެނަމަ، ސެމީ ފައިނަލްގައި ކުޅެން ޖެހޭނީ އިންގްލެންޑް ނުވަތަ ނޯވޭއާ ދެކޮޅަށެވެ.
ސްކަލޯނީ ބުނީ އެއްވެސް ޓީމެއް ފަސޭހަ ނުވާނެ ކަަމަށާއި، ސްވިޒަލޭންޑަކީ ވެސް މޮޅު ޓީމެއް ކަމަށެވެ.

