ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. މާތްﷲއަށް އީމާންވުމަށްފަހުގައި، އެންމެ އިސްކަން ދޭންޖެހޭ އަޅުކަމަކީ ނަމާދެވެ. މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ ހެޔޮ އަމަލަކީ ވެސް، ނަމާދު އޭގެ ވަގުތުގައި ކުރުމެވެ.
މި އަޅުކަން ނުކޮށް ދޫކޮށްލާކަށް ދެއްކޭނެ އުޒުރެއް ނެތެވެ. ކިތަންމެ ބަލި ވިޔަސް، ނަމާދު ދޫކުރުން ހުއްދަ ވެގެން ނުވެއެވެ. ހިސާބު ބައްލަވާ ދުވަހުގައި، އެންމެ ފުރަތަމަ ސުވާލު ވެވޭނީ ވެސް ނަމާދާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުން ކަމަށް މާތް ނަބިއްޔާ ސ.އ.ވ ހަދީޘްކުރައްވާފައިވެއެވެ.
އެކަލޭގެފާނުގެ އެންމެ ފަހުގެ ވަސިއްޔަތްޕުޅުގައި ވެސް އެދިވަޑައިގެންނެވީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމަށެވެ.
ޝެއިޚް އާސިމް އަލްޙަކީމް އާއި މީހަކު ސުވާލު ކުރިއެވެ. މީހަކު ބައެއް ފަހަރު ހުކުރު ނަމާދު ކޮށްލައެވެ. އަދި ދޭތެރެއަކުން ނަމާދަށް އަރާލައެވެ. އާއްމު ގޮތެއްގައި އޭނާ ގަވައިދުން ނަމާދުތައް ކުރަނީ ރަމަޟާން މަހުގައެވެ. އެ މީހަކީ މުސްލިމަކަށް ވާނެ ހެއްޔެވެ؟
ޖަވާބުގައި ޝެއިޚް ވިދާޅުވީ، ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ގަސްތުގައި ނަމާދު އެޅުމަކީ އެ މީހަކު ދީނުން ބޭރުވާނެ ކަމެކެވެ.
އަދި ނަމާދު ކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމުން، އެކަމަށް އިންކާރު ކުރާ މީހަކީ ކާފަރެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
އެއް ދުވަހު ހުކުރު ނަމާދު ކޮށްފައި، ދެން އޭގެ ފަހުން އަންނަ ތިން ހުކުރު ދޫކޮށްލައި، އަނެއްކާ ވެސް ހިތަށް އެރުމުން ހުކުރު ނަމާދު ކޮށްލަން ދާނަމަ ވެސް އެމީހެއްގެ އީމާންކަމާއިމެދުގައި ސުވާލު އުފެދޭ ކަމަށާއި، އެއީ މުސްލިމަކު އަމަލު ކުރާނެ ގޮތެއް ނޫން ކަމުގައި ވެސް ޝެއިޚު ވިދާޅުވިއެވެ.
ޝެއިޚު ވިދާޅުވީ ތިބާގެ ފިރިމީހާ ނުވަތަ އަނބިމީހާ އަކީ ތިބާއަށް ވަރަށް ހެޔޮ، އަދި ވަރަށް ތަނަވަސް މީހަކަށް ވިޔަސް، އޭނާ އެއްގޮތަކަށް ވެސް ނަމާދު ނުކުރާނަމަ، އެ ކައިވެނި ރޫޅައިލަން ޖެހޭ ކަމަށެވެ.
އަދި ނަސޭހަތް ދީގެން ވެސް އެމީހަކު އިސްލާހު ނުވެއްޖެނަމަ، އެމީހަކާ ދުރު ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޝެއިޚު ވިދާޅުވިއެވެ.

