މުދަލު ޒަކާތުގެ ގޮތަށް މިދިޔަ މަހު 21.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ އެ މި އަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާ އިރު 100 ޕަސެންޠް އިތުރު އަދަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޖޫންގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 10.6 މިލިއަން ރުފިޔާއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި މުދަލުގެ ޒަކާތަށް ލިބުނީ 61.5 މިލިއަން ރުފިޔާއެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަދި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
މިހާރު ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބަކީ 21،836.50ރ އެވެ. އެ ބަދަލު އައީ އެޕްރީލް މަހުގެ ތެރޭގައެވެ.

