ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލްސާނީ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިިފިއެވެ.

އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިހް ހަމަދު އަވަހާރަވިކަމުގެ ހިތާމަވެރި ހަބަރު އަޑުއެހީ ފުން އަސަރާއެކު ކަމަށެވެ.

އެމަނިކުފާނަކީ ދުރުވިސްނޭ ލީޑަރެއް ކަމަށާއި އަދި އެއީ ގަތަރުގެ ތަރައްގީ އާއި ކުރިއެރުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

”ލޮބުވެތި ބައްޕާފުޅު ވަކިވެދިއުމުގެ މި ހިތާމަވެރި ދަނޑިވަޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލްސާނީ އަށާއި، ޝާހީ އާއިލާއަށާއި، ގަތަރުގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް އިހްލާސްތެރި ތއުޒިޔާ ރައްދުކުރަމެވެ.“ ރައީސް ވިދާޅުވިއެވެ.

ޝައިހް ހަމަދު އަވަހާރަވެފައިވަނީ އުމުރުން 74 އަހަރުގައި މިއަދު ހެނދުނުއެވެ.

އެމަނިކުފާނު ގަތަރުގައި ވެރިކަން ކުރައްވާފައިވަނީ 1995 އިން ފެށިގެން 2013އާ ހަމައަށެވެ.