ހުވަދޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މުއްތަލިބު، ސޯދިގުގެ ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ވަނީ މެންބަރާ ސުވާލެއް ކުރައްވާފައެވެ.
”އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށްގެންދާނަން،“ ސޯދިގުގެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވިއެވެ.
އެ ސުވާލަކަށް ފަހު ހުވަދޫ ބަހުރުވައިން މެންބަރުގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަދި މިހާރު ދިމާވެފައިވާ ބައެއް މައްސަލަތަކަކީ ނިމިދިޔަ ސަރުކާރުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތުން ދިމާވި ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު، އެ މަސައްކަތްތައް ހިނގާފައިވާ ގޮތުން މެންބަރުވެސް މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ.
”ހީވެންނޫ މެމްބަރުއަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ“ ހުވަދޫ ބަހުން މިނިސްޓަރު ވިދާޅުވިއެވެ.

