އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދިޔަ، ސ. މަރަދޫ / ބޯޅަދަނޑުގެ ބަންދުކުރަން މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.

މި އަމުރު ނެރެފައިވަނީ އިއްޔެއިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެގޮތުން، ފުލުހުން ވަނީ މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

މީގެ ކުރިން އައްޑޫގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންވެސް ދެ ގެއެއް ބަންދުކުރުމަށް އަމުރު ކޮށްފައިވެއެވެ.

އެގޮތުން، ހިތަދޫ ”މައިލޯސިޓީ“ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ، އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މި މަހުގެ ދެވަނަ ދުވަހު އަމުރު ނެރެފައެވެ.