މި އަހަރުގެ އޭލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އިއްޔެ ބުނީ، މި އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހުގައި ބާއްވާ ކެމްބްރިޖް އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ހުޅުވާލައި، ފޯމު ދޫކުރަން ފަށާފައިވާކަމަށެވެ.
އެގޮތުން، އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމުގެ ކުރިން ކަމަށް އެ ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އަމިއްލަގޮތުން އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށް ޑިޕާޓްމެންޓުން ބުންޏެވެ.
މީގެއިތުރުން، އެޕްލިކޭޝަން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ، އޮންލައިންކޮށް ގޫގުލް ފޯމު މެދުވެރިކޮށް ކަމަށާއި އިމްތިހާނުގެ ފީތައް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް ޑިޕާޓްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު، މި އިމްތިހާނާގުޅޭ އިތުރު ތަފްސީލު ޑިޕާޓްމަންޓްގެ ލިންކް ޓްރީ ޕޭޖުން ލިބެން ހުރިއިރު، ސުންގަޑީގެ ކުރިން ހުރިހާ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅައި ފައިސާ ދައްކާ ނިންމުމަށް ޑިޕާޓްމެންޓުން އެދިފައިވެއެވެ.

