ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތާއި ގުޅޭ ގޮތުން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ މަޝްރޫއު އެންމެ އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ އެމްޓީސީސީން މެޝިނަރީއާއެކު ސެޕްޓެމްބަރު 2، 2023 ގައި ސައިޓް މޮބިލައިޒްކުރި ކަމަށާއި، އޭރުގައި މަސައްކަތް ފަށާފައިވަނީ ސާވޭ އާއި ބޯހޯލް އިންވެސްޓިގޭޝަންގެ މަސައްކަތް ނަމަވެސް އެކަންވެސް އޭރު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގޮސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި ސަރުކާރުގައި ކަމަށެވެ.
އެގޮތުން، މަޝްރޫއުގެ ދިރާސާގެ މަސައްކަތް ނިންމާ ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑިޒައިންތައް އެޕްރޫވްކޮށް އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އެދޭ ބާރުމިނުގައި ކުރިއަށްނުދާ ކަމަށާއި މަސައްކަތް ކުރަނީ 2028 ގެ މެދުތެރެއަށް މަސައްކަތް ނިންމާ ބޭނުންކުރެވޭ ގޮތް ހެދުމަށް ކަމަށެވެ.

