ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެނައުމަށްފަހު، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ މީގެ ކުރިން މިދިޔަ މެއި މަހު މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވި ބިލެކެވެ.
ނަމަވެސް، ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައެއް ކަންކަމަށް އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.
ރައީސް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަމަކީ ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލުގައި އޮތުމެވެ.
އެއާއެކު، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި އިސްލާހުގައި ވަނީ ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅާފައެވެ.
ބިލަށް ގެނައި އަނެއް މުހިންމު ބަދަލަކީ ގާނޫނާ ހިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތަކެވެ.
ކުރިން ބިލުގައި ގިސޯސް ހިފުމާއި ދިޔަ ނަގައިދިނުން ހިމެނި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ.
މިހާރު ކަނޑައަޅާފައިވާ އަދަބަކީ 150,000 ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

