ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު ފަރާތުން ޢަބްދުﷲ ރާފިއު އާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބުރަމާނިއަންއެވެ.
ރާފިއު ވިދާޅުވީ، މި އެއްބަސްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަަށެވެ.
އަދި މިއީ ޒުވާނުން ބާރުވެރި ކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ދުރުމިނުގެ ސަބަބުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.
އަދި ކޮންމެ ރަށެއްގައި ދިރިއުޅުނަސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

