ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، މ.ރަންދޫވިލާ،  އަމްޖަދު މުސްތަފާ ޢައްޔަންކުރައްވައިފިއެވެ.

އަމްޖަދު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އަދި އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.

މުސްތަފާ ވަނީ ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ.

މިއާއެކު، އޭނާ އަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ، އަމްޖަދު ވަނީ، 2020 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައެވެ.