އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
14 މޭ 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފުރަތަމަ ފަހަރަށް މި ބިލު ފާސްކުރައްވައި ތަސްދީގު ކުރެއްވުމަށް ފޮނުއްވުމުން، 31 މޭ 2026 ގައި ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފައެވެ.
އެއަށްފަހު، 1 ޖުލައި 2026 ގައި ކުރިއަށްގެންދެވި އެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބައެއް އިސްލާހުތައް ގެންނެވުމަށްފަހު، އެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތަށް، 14 ޖުލައި 2026 ގައި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ އެ ބިލު ފާސްކުރައްވާފައެވެ.
މި ބިލު އެކުލަވާލައްވާފައިވަނީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ހިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގްސަދުގައެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވެއެވެ.
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ”އޯގަން ޓްރާންސްޕްލާންޓް ކައުންސިލް“ އިންނެވެ.
އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ މި ގާނޫނުގެ ދަށުން އެކުލަވާލާ ”އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ“ އިންނެވެ.
މީގެއިތުރުން، ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

