މަގުގެ ތަރައްގީކުރި ބައި އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވަނީ މިއަދު 4:00 ގައެވެ.
އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މިނިވަން ދުވަހާއި ދިމާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހަމައަށް 4 ލޭންއަށް ފުޅާކޮށް ތަރައްގީކޮށްފައިވާ ސަރަހައްދު މިއަދު ހަވީރު އާންމުނަނަށް ހުޅުވާލާނެ ކަމަށެވެ.
އަލަށް ތަރައްގީ ކުރި ބައި ހުޅުވައިލި ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދި މަސައްކަތް ކުރިއަށްދާނެއެވެ.
އެގޮތުން، އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.
މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑި ކައިރީގައި ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ.
އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފައެވެ.

