ރައީސް ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ، ދިވެހި ޤައުމާ މުޚާޠަބުކުރައްވާފައެވެ.
އަދި ރައީސް އަށް ވަނީ، ފަތްތޫރަ މަޖައްލާގެ ޚާއްޞަ އަދަދެއްވެސް ހަދިޔާކުރައްވާފައެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންނެވި 4 ބޭފުޅަކަށް އެ ޢިއްޒަތް އަރުވައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ އައްޑަނަ ދެއްވާފައެވެ.
މި ޖަލްސާގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

