ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ މިނިވަންކަން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިނިވަންކަން ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށެވެ.

”މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން. މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،“ ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިނިވަން ދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.