މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް މިއަދު އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ބުނެފިއެވެ.
މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މިފްކޯއިން ބުނީ، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާގެ ރޭޓުން ކަމަށެވެ.
އެއީ ޓަނެއް 750 ރުފިޔާ އަށެވެ.
މިއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ރަސްމީކޮށް ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ.

