ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހަދިޔާކޮށްފައިވާ އަސްކަރީ މަނަވަރު ރޭ ހިދުމަތަށް ނެރެފިއެވެ.

ރާއްޖޭގެ އަސްކަރިއްޔާއަށް އަލަށް އިތުރުވި މި އުޅަނދު މިރޭ ކޮމިޝަން ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

“އިމާދުއްދީން” ގެ ނަން ދީފައިވާ މި މަނަވަރަކީ މުޅިން އަލަށް ބަނދެފައިވާ، އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މަނަވަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ދިވެހި ސިފައިން މި މަނަވަރު ބޭނުންކުރާނެ ގޮތުގެ ތިން މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކޮށްފައިވެއެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް މަނަވަރު ކުރި 14 ދުވަހުގެ ދަތުރު އޮޕަރޭޓްކޮށްފައިވަނީ ވެސް ދިވެހި ސިފައިންނެވެ. މިއީ ދިވެހި ސިފައިން ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރު ވެސް މެއެވެ.

އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން މި މަނަވަރު ހަދިޔާކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މަނަވަރު ކޮމިޝަންކުރަން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ސިޔާސަތު ކަމަށެވެ. އެ ކަން ހާސިލުކުރުމަށްޓަކައި ކަނޑުގެ ބާރަކަށް ދިވެހި އަސްކަރިއްޔާ ހަދާނެ ކަމަށް ރައީސް ހާމަކުރައްވާފައިވާ ކަން ހިލްމީ ފާހަގަކުރެއްވިއެވެ.

އެ ސިޔާސަތުގެ ދަށުން މީގެ ކުރިން ތުރުކީއިން ރާއްޖެއަށް އަސްކަރީ މަނަވަރެއް ވަނީ ހޯދައިފައިވެއެވެ.

އަދި މިހާރު އޮސްޓްރޭލިއާއިން ވެސް މުޅިން އަލަށް ބަނދެފައިވާ މަނަވަރެއް ރާއްޖެއަށް ރައީސް މުއިއްޒު ހޯދައިދެއްވާފައިވާ ކަމަށް ހިލްމީ ވިދާޅުވިއެވެ.