ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އިތުބާރެއް ނެތް ކަމަށާއި، އޭނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލައިސް ކްލޭވްނެސް ވިދާޅުވެއްޖެއެވެ.

ނޯވޭ އިން މިފަދަ ނިންމުމެއް ނިންމިއިރު ފީފާގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕް ފަދަ މުބާރާތްތައް ބާއްވާނެ ކުންފުންޏަކުން ޕްރައިވެޓް އިންވެސްޓްމަންޓް ހޯދަން އިންފަންޓީނޯ ކުރެއްވި ޕްލޭނަށް ތިން ބައްރަކުން ދެކޮޅު ހަދައިފައިވާއިރު، މިކަމާ ގުޅިގެން އޭނާއަށް ވަނީ ބޮޑު ޕްރެޝަރަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން، ފީފާގެ ތެރެއިން އުފައްދާ ވިޔަފާރި ކުންފުނިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގުޅުންހުރި ވިޔަފާރިވެރިންނަށް 20 ޕަސެންޓް ހިއްސާ ވިއްކާލަން އިންފަންޓީނޯ މަސައްކަތް ކުރެއްވިއިރު، މިއީ އަމިއްލަ އެދުމާއި ފުޓްބޯޅައިގެ މިނިވަންކަން ވިއްކާލުން ފަދަ ކަމެއް ކަމަށް ގައުމުތަކުން ދެކެއެވެ.

ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައިވާއިރު، އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމަށް އެ ފެޑެރޭޝަނުން ގޮވައިލަން ނިންމާފައިވާ ކަމަށް، އެ ފެޑެރޭޝަނުގެ ރައީސް، ލައިސް ވިދާޅުވިއެވެ.

”ފީފާ އިން އެބަޖެހޭ އިތުބާރު ހޯދަން، ލީޑަރޝިޕް ބަދަލު ކުރަން. މިއީ އެ އިދާރާ ރިފޯމް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ހާމަކޮށްދިނުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް.“ އޭނާ ވިދާޅުވިއެވެ.

މިއީ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ނަމަކަށް ކިޔާ ކޮމާޝަލް ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް ވޯލްޑް ކަޕްގެ ފައިދާ ވިއްކާލަން އިންފަންޓީނޯ ގެންގުޅުއްވި ވިސްނުމަށް ދިމާވި އިތުރު ގޮންޖެހުމެކެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ ޔުއެފާއިން ބުނީ، މި ފެއިލް ވެފައިވާ ޕްލޭނަށް ފީފާ އިން މާފަށް އެދުނަސް، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށް ދިން އިންޒާރަށް ބަދަލު ނާންނަ ކަމުގައެވެ.

އިންގްލިޝް ފުޓްބޯލް އެސޯސިއޭޝަނުން ވެސް ވަނީ، މީގެ ކުރިން އިންފަންޓީނޯ ފީފާގެ ރައީސްކަމުގެ އައި ދައުރަކަށް އިންތިހާބު ކުރުމަށް ކުރި ތާއީދު ވެސް އަނބުރާ ގެންގޮސްފައެވެ. އެހެންނަމަވެސް، މެކްސިކޯ އަދި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ތާއީދު އިންފަންޓީނޯގެ ޕްލޭނަށް އެބައޮތްކަން ހާމަކޮށްފައިވެއެވެ.