ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިރޭގެ ޙަފުލާގައި ޝަރަފްވެރި އެވޯޑުތައް ހާޞިލްކުރި އެންމެހާ ދަސްވެނީންނަށާއި، އެ ދަސްވެނީންގެ ލޮބުވެތި ޢާއިލާތަކަށް ތަހުނިޔާއާއި މުބާރިކުބާދީ ދެންނެވިއެވެ.
އަދި ދަސްވެނިންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ގައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމާއި މުޅި މުޖުތަމަޢަށް ދިމާވެފައިހުރި މައްސަލަތައް ޙައްލުކުރުމުގައި ދަސްވެނީންގެ ސިކުނޑިތަކުން އީޖާދީ ވިސްނުން އިސްކުރަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.
އަދި މުޅި މުޖުތަމަޢަށް ބޭނުންވެފައިހުރި ކަންކަމަށް ދާއިމީ ޙައްލު ހޯދައިދިނުމުގައި އެބޭފުޅުންގެ ވިސްނުންތަކުގެ ބޭނުން އިންތިހާއަށް ބޮޑުކަމަށާއި އެމަގަށް މަސައްކަތް ކޮށްދެއްވާ، މުޅި މުޖުތަމަޢު އުފާ ކުރުވަނިވި ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، މާދަމާ މަސައްކަތު މާހައުލަށް ނިކުމެ އެބޭފުޅުން ކުރާ މަސައްކަތް ވެގެންދާނީ ވަރަށް ޒިންމާދާރު، އެ މާހައުލަކާ ގުޅޭ އަދި މަސައްކަތުގެ ސްޕީޑު އަވަސް އީޖާދީ ވިސްނުންތައް އެތަންތަނަށް ހޯދައިދޭނެ މަސައްކަތަކަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.
އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި މުއައްސަސާތަކާ ދޭތެރޭގައި އޮންނަ އިތުބާރު ބަދަހިވެ، އިތުރަށް ފުރިހަމަ ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެ އުންމީދު ހަޤީޤަތަކަށް ހެދުމަށްޓަކައި، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމުގެ ދުރުރާސްތާ ތަޞައްވުރެއް ރައީސް ކަނޑައަޅުއްވާ، އިޢުލާން ކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ތަޞައްވުރު ހާސިލުކުރުމަށް އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި ހާއްސަގޮތެއްގައި ޒުވާނުން އިސްނަގައިގެން، ދަސްވެނީންގެ އީޖާދީ ވިސްނުންތައް އިސްކޮށްގެން މި މަސައްކަތުގައި އަމިއްލައަށް ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

