ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކޮށް އަދި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރުމަލް މަޔަވަން، އިންޑިއާ (44އ) އާއި، ތުވަން ރިސްލިން ފަލީލް، ސްރީލަންކާ (35އ)އެވެ.

މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް މާލޭ ގެއެއް ބަލައިފާސްކޮށްފައިވެއެވެ.

އެ ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 1677 ފުޅިއާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 23 ފުޅިއާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.