ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މޫޑީޒްއިން ތައުރީފުކޮށް ރާއްޖޭގެ ރޭޓިން މަތިކޮށްފިއެވެ.

މޫޑީޒް އިން ވަނީ ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ”ސީއޭއޭ2“ އިން ”ސީއޭއޭ1“ އަށް ވަނީ މަތިކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ކުރިއެރުމަކީ ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ކަމަށެވެ.

މި ބަދަލުތައް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރޭޓިން މަތިކޮށްފައިވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގައެވެ.

އެގޮތުން މި އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ވަނީ ދައްކާފައެވެ.

މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެކެވެ.

މި އިލްތިޒާމްތައް ފުރިހަމަކުރުމަކީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމާއެކު، މި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް މަގުފަހިވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން 2024 ވަނަ އަހަރު ތައާރަފުކޮށް މި އަހަރު ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.