ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 2:45 އާ ހަމައަށެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

މިއަދުގެ ހަވީރު 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވައި ޖެހޭނެ ކަމަށް ބެލެވެނީ އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓުން ބުނެއެވެ.