މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަނުކުރައްވައިފިއެވެ.
މި ބޭފުޅުން މަގާމުތަކަށް އައްޔަނުކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
އެ ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ޢިއްޒުއްދީން އަދްނާންއެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދްރީސްއެވެ.
މީގެއިތުރުން، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެމްބަރަކު ވަނީ އައްޔަނުކުރައްވާފައެވެ. އެ ބޭފުޅުންނަކީ:
ޑރ. މުހައްމަދު ޝުޖާއު
ހުސައިން ޝާމް އާދަމް
މަރްޔަމް ނިހާޔަތު
އަބްދުﷲ އަލީ
މުހައްމަދު ހިލްމީ
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީ ކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ އިގްތިސާދީ ނިޒާމު ހަރުދަނާކޮށް، ވަޤުފްގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
