ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެ ފިހާރަ ބަލައި، ފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، މި މަހުގެ 7 ވަނަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލި ބެލުމުން، އެފަދަ 6 ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން  ފާހަގަކުރެވިފައިވާ ކަމަށެވެ.

”އެހެންކަމުން އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.“ ފުލުހުން ބުންޏެވެ.

ފިހާރައެއްގައި ޣައިރު ދީންތަކެއް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރުމުން، ފުލުހުން އެތަކެތި ބެލުމުގެ ދަށަށް ގެންދިޔައިރު، ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.