މި ގައުމަށް ޖެހިފައިވާ އެންމެ ބޮޑު އެއް މުސީބާތަކީ، ވެރިކަން ކުރާ ބޭފުޅުންނަށް، މި ގައުމަކީ އެ ބޭފުޅުންގެ ބައްޕައިންގެ ތަރިކަ މުދާގަނޑެއް ކަމަށް ގަބޫލު ކުރެވުން ކަމަށް މަންފާ ޖަމުއިއްޔާގެ ބާނީ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައެވެ. އަލީ މިހެން ވިދާޅުވިއިރު، އީގަލް ހިލްސް ކުންފުނިން، ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއާ ދެކޮޅަށް އޭނާ ގެންދަވަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ. އެގޮތުން އިއްޔެ ކުރެއްވި ޕޯސްޓެއްގައި އަލީ ހިއްސާ ކުރެއްވީ ޅެން ބައިތެކެވެ. އޭގައި ވަނީ ”ދީނާ މަގެ ގައުމާ، މަގެ އަމްނާ ނުކުޅެއްޗޭ، ތާރީހު ބަލާ އެނގިތިބެ، ޣައްދާރު ނުވައްޗޭ“ މިހެންނެވެ.

ސްމާލޭގައި ތަރައްގީކުރާ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވައިލައި މި ފެށޭ ނޮވެންބަރު މަހު ބޮޑު އެއްވުމެއް ބާއްވާނެކަން ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ، ސިޔާސީ މައިދާނާ ދުރުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު ޝެއިހު އިމްރާން އަބްދުﷲއެވެ. އިދިކޮޅު އެމްޑީޕީން ވެސް ގެންދަނީ މި މަޝްރޫއުއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލް އަލްއައްބާރު ވަނީ، ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަޝްރޫއުއާ ގުޅިގެން އިދިިކޮޅުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، މިއީ މުޅި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެސް، އިގްތިސާދު ފުޅާ ކުރާނެ މަޝްރޫއުއެއްގެ ގޮތުގައި ސަރުކާރުން ސިފަ ކުރެއެވެ.