ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ މާލެ / މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި / ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އާއި، ތ. ތިމަރަފުށި / މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އަދި ތ. ތިމަރަފުށި / ވިލާ، އާމިނަތު ނިސާ (41އ) އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.