ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އިޤްތިޞާދީ މަންފާ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، ”ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީ.އާރް.އެޗް.ސީ)“ ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/19 އިންނެވެ. މި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކުގެ އިތުރުން ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކުރުމެވެ.
އަދި އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ މަންފާ ލިބޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީވެސް މީގެ މުހިންމު މަގްސަދެކެވެ.
މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް ހިންގުމަށް މި ކުންފުނިން މަސައްކަތްކުރާނެއެވެ.
އަދި ދިވެހިންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ގައުމީ އިގްތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި، ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ގާއިމުކުރުން މި ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް ރިސޯޓުތަކުގެ ހިއްސާ ލިބޭނެ ނިޒާމެއް ޤާއިމުކުރައްވާނެކަން ރައީސް އިޢުލާންކުރެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

