ޔޫއޭއީގެ އީގަލް ހިލްސް އަށް ދީގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ނުދާން ސަރުކާރުން ނިންމީ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރައްޔިތުން ނޫނެކޭ ބުނާނެތީ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއު އަކީ ރިފަރެންޑަަކަށް ދާނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ ބިލުގައި ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ތަބާވާން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

މިވާހަކަފުޅާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރައީސްގެ ވާހަކަތަކުން އެ މަނިކުފާނުގެ އަސްލު ސިފަ ހާމަވާ ކަމަށާއި، ރެފަރެންޑަމަކަށް ދާން ސަރުކާރުން ފަސްޖެހެނީ، މިފަދަ ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފި ނަމަ ރައްޔިތުންގެ 99 ޕަސެންޓް ނޫނެކޭ ބުނާނެތީ ކަމަށެވެ.

އަދި ރައްޔިތުންގެ ބަހެއް ނެތި މިހާރު އޮތް ގޮތަށް ސިއްރުވެރިކަމާއެކު އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، ދެން އަންނަ ސަރުކާރަކުން އެ މުޅި މަޝްރޫއަށް ބަދަލުތައް ގެންނަން މަޖުބޫރުވާނެ ކަމަށާއި، އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، މުޅި ގައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭ ރަސްމީ އެއްބަސްވުމުގައި އީގަލް ހިލްސްއާ އެކު ސޮއިކުރާނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް ސްޓޭޓް ބިލު ފާސްވެ، ގާނޫނަކަށްވުމުން ކަމަށެވެ.