މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނޭކަމަށާއި މިސަރުކާރުން ގާނޫނީ ހަމަހަމަކަން ދަމަހަައްޓަވާނޭކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާއި ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާއިމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނޭކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާކަމަށެވެ. އަދި، އެފަދަ ޢަމަލުތަކަކީ ބަދަލުހިފުމުގެ އަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ގާނޫނުގެ ބާރު ހިނގާނޭކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން، ގާނޫނު ތަންފީޒުކުރުމުގައި، އެޢަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭކަމަށާއި އެކަމަށް ދަޢުލަތުން ފުރުސަތު ދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

