ކުރިއަށް އޮތީ ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަސްކޮޅެއް، ނަމަވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) ލަފާކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރައި ކަނޑުގަދަވުމާއެކު ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެއެވެ.

ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވުމާއެކު، ރައްޔިތުންނާއި ދަތުރުވެރިން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އާންމު ދިރިއުޅުމުގެ އެންމެ މުހިންމު ވަސީލަތަކީ ސައިކަލު ކަމަށާއި އޮފީހަށް ދިއުމާއި، ކުދިން ސްކޫލަށް ގެންދިއުމަށާއި، ބާޒާރުކުރުމަށާއި އަދި އެހެނިހެން ކަންކަމުގައި ވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ސައިކަލު ބޭނުންކުރި ނަމަވެސް، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި، އާންމުކޮށް ދަތުތުރކޮށް އުޅޭ ފަރިތަ މަގުތަކަކީވެސް ނުރައްކާތެރި ތަންތަނަށް ވެދާނެކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ހަމައެއާއެކު މަގުތައް ތެމިފައި އޮތުމުގެ ސަބަބުން ސައިކަލު ކަހާލައި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، ބޮޑުވެފައިވާ ފެންގަނޑުގެ އަޑީގައި އަޑިގުޑަންތައް ފޮރުވިފައި ހުރެދާނެ ކަމަށާއި އެފަދަ އަޑިގުޑަންތަކަކީ ސައިކަލު ދުއްވާ މީހުންނަށް ހުރި ނުރައްކަލެއް ކަމަށާއި އެހެނީ، ހިނގާ ހާދިސާއަކުން ހިނދުކޮޅެއްގެ ތެރޭގައި ބޮޑު އަނިޔާއެއް ވެސް ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.